މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ: ސިޔާމް

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ: ސިޔާމް

Author
ހުސައިން
08 މާރޗް 2025 05:43
0

މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގައުމީ ފެންވަރެއްގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވީ ނަމަވެސް، އެ ދާއިރާއިން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ސިޔާމް ވަނީ އެމްޑީއޭގެ ހުރިހާ އަންހެން މެންބަރުންނަށާއި ދިވެހިރާއްޖޭގެ ހުރިހާ އަންހެނުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

"މިއަދަކީ ގައުމަށް ދިވެހި ކަނބަލުން ކޮށްދެއްވަމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމަށް މުހިންމު ފުރުސަތެއް" ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ "ޚާއްސަކޮށް ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ "ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް" ކަމަށެވެ.

"ސިޔާސީ މައިދާނަކީ އަންހެނުންނަށް ވަނުމަށް އެންމެ ގޮންޖެހުންތައް ބޮޑު އާންމު ދާއިރާތަކުގެ ތެރެއިން އެއް ދާއިރާ ކަމުގައިވާތީ، ވެރިކަން ހިންގުމުގެ ނިޒާމާއި، ގާނޫނު ހެދުމުގެ ނިޒާމާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ އިސް އަމާޒަކަށް ވާންޖެހޭ" ކަމަށް ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަބަދުވެސް އެދިވަޑައިގަންނަވަނީ ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް ކަމަށެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބިގެން ދިވެހި ގައުމު އިތުރަށް ކުރިއެރުމަކީ ދުޢާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.