އެމްޑީޕީން ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފަށައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން އިސްވެ ތިބެ، ރޭގެ މުޒާހަރާ ފެށީ ޗާންދަނީމަގުގައި ހުންނަ، އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ގައުމީ ދިދަ ހިފައިގެން ތިބެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުން ހަރުގެއިން ނުކުމެގެން، މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާން ކައިރިއަށް ގޮސް، އެމްޑީޕީ ސަރުކާރުން އަޅާފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ގޮވާލިއެވެ.
ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު، އަދި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މީގެ 40 އަހަރު ކުރިން ފެށި، އިސްލާހީ މަސައްކަތުން ދައުލަތުގެ ތިން ބާރު ވަކިކޮށްފައިވާ ނިޒާމު ރައީސް ޑރ. މުހައްމަދު މުއިއްޒު "ފުނޑާލާފައިވާ" ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަޅު އަޅުވައި، ރައީސް މުއިއްޒުގެ އަޅުންގެ ގޮތުގައި ވަނީ ހަދާފައި. މިހާރު އެ ދަނީ ތިން ބާރުގެ ތެރެއިން މިނިވަންކޮށް މި ވަގުތު އޮތް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ދުވަސް ދުއްވާލުމަށް. ޖޭއެސްސީގެ ނުފޫޒު ބޭނުންކުރައްވައިގެން އެކަން އެ ދަނީ ކުރައްވަމުން،" ބިގޭ ވިދާޅުވިއެވެ.
ރޭގެ އެއްވުމުން މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި އާއި އަލިކިލޭގެފާނު މަގު އުތުރު، މުލިއާގެ ކައިރީގައި އެއްވެ، އަޑު އުފުލިއެވެ.
ރޭގެ އެއްވުމުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގިއެވެ. އެކަން ހިނގާފައި ވަނީ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީންދެގެން ތިއްބައެވެ.
ރޭގެ އެއްވުން ނިންމާލީ ދުއާއަކުންނެވެ. އެއްވުން ނިންމާލަމުން ދެން މުޒާހަރާއަށް ނުކުންނާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ. ނަމަވެސް މާދަމާ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާއެއް، 9:30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.