މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާއިފިއެވެ.
ލޯކަލް މިނިސްޓަރު އާދަމް ޝަރީފު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ކާނުތަކުން ފެން ހިންދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭގައި ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެ، ފެންހިންދުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި، ލޯކަލް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން ނުކުމެ ކުރަންޖެހެއެވެ.
އަދި މިފަދަ ހާލަތްތަކުގައި ގެތަކާއި އެހެނިހެން ތަންތަނަށް ފެންވަދެ، އެކި ވަރުގެ ގެއްލުންތަކާ ވެސް ރައްޔިތުން ކުރިމަތިލާން ޖެހެއެވެ.
މިނިސްޓަރު އާދަމް ޝަރީފުގެ މި ނިންމެވުމާއެކު، މާލޭގެ ރައްޔިތުންނަށް ވާރޭވެހޭ ދުވަސްވަރު ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ގިނަ ފަރާތްތަކުން އުންމީދު ކުރެއެވެ.
ކޮމެންޓު ފޮނުވާ