ދައުލަތުގެ ޚިދުމަތްތައް އެއްވިއުގައަކުން ގުޅާލުމަށް "މޯލްޑިވްސް 2.0″ ބިލު މަޖިލީހަށް

ދައުލަތުގެ ޚިދުމަތްތައް އެއްވިއުގައަކުން ގުޅާލުމަށް "މޯލްޑިވްސް 2.0″ ބިލު މަޖިލީހަށް

Author
އަހުމަދު
15 ޖޫން 2026 11:15
0

ދައުލަތުގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން "މޯލްޑިވްސް 2.0″ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވި މި ބިލުގެ ދަށުން، ޑިޖިޓަލް ގަވަރނަންސްގެ ކަންކަން ވިލަރެސްކުރުމަށް ދާޚިލީ ވުޒާރާގެ ދަށުން ހިނގާނެ "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި އައު އިދާރާއެއް އުފައްދާނެއެވެ. މި އިދާރާގެ އެންމެ އިސްވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ "ކޮމިޝަނަރ ފޮރ ޑިޖިޓަލް ޓެކްނޮލޮޖީ" އެވެ. މިއާއެކު ދައުލަތުގެ އައިސީޓީ ނެޓްވަރކާއި އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، ޑިޖިޓަލް ޚިދުމަތްތަކުގެ ފަންނީ މިންގަނޑުތައް ކަނޑައެޅުމުގެ މައިގަނޑު ޒިންމާ ނަގާނީ މި އިދާރާއިންނެވެ.

މި ބިލު ޤާނޫނަކަށް ވުމާއެކު، ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާކުރުމަށް "މޯލްޑިވްސް 2.0″ ޕްރޮގްރާމާއި ޚާއްޞަ ރޯޑްމެޕެއް އެކުލަވާލެވޭނެއެވެ. އަދި ޑިޖިޓަލް ސިޔާސަތުތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފެއްދުމާއި، ކޮމިޝަނަރުގެ ލަފާގެ މަތިން ޑިޖިޓަލް ގަވަރނަންސް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލުންވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން، ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން ދައުލަތުގެ ހުރިހާ ޚިދުމަތެއް އެއް ޕްލެޓްފޯމަކުން ލިބޭނެ "ސިޓިޒަން ޕޯޓަލް" އެއް ގާއިމުކޮށް، ދައުލަތުގެ އިދާރާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ޑޭޓާ ބަދަލުކުރެވޭނެ އޮނިގަނޑެއް ޤާއިމުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.