މާލެ، 6 މާރޗް 2025 – މާލެ ސަރަހައްދުގައި ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ ތެރޭގައި މަރުވެފައިވާ އަދި ބަލިޖެހިފައިވާ ކޮތަރުތައް ފެންނަން ފެށުމާއެކު، މިނިސްޓްރީން ވަނީ ތަހުލީލުތައް ފަށާފައެވެ. ތަހުލީލުތަކުން ދައްކާގޮތުގައި ކޮތަރުތަކަށް ޖެހިފައިވަނީ "އިންފެކްޝަން ކޮރައިޒާ" ކަމަށް ކިޔާ ބައްޔެކެވެ. މިއީ އާންމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.
މިނިސްޓްރީގެ ބަޔާނުގައި ދަންނަވާފައިވާ ގޮތުގައި މި ބައްޔަކީ އިންސާނުންނަށް ނުރައްކާވާނެ ބައްޔެއް ނޫނެވެ. ނަމަވެސް، މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ގާތް ނުކުރުމަށާއި، ބޮޑެތި މީހުން ވެސް އެފަދަ ދޫނިތަކުގައި އަތްލާއިރު ރައްކާތެރިކަމުގެ ވަސީލަތްތައް ބޭނުންކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
މި ތަހުލީލު ބިނާކޮށްފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތައް، ނެކްރޯޕްސީ ހޯދުންތައް އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށެވެ. މިއީ "އެލިބެކްޓީރިއަމް ޕެރަގެލިނޭރަމް" ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އިތުރަށް ހެދުނު ޓެސްޓުތަކުން ދައްކާގޮތުގައި އިތުރު ބެކްޓީރިއަލް އިންފެކްޝަންތައް ވެސް ހުރިކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ކޮކްސިޑިއޯސިސް އަދި ކެންޑިޑިއޭސިސް ހިމެނެއެވެ.
އިންފެކްޝަސް ކޮރައިޒާ އާއި ސެކަންޑްރީ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މި ބަލި ޖެހުމުން ކޮތަރުގެ ނޭފަތުން ފެން އައިސް، ކެއްސުމާއި، ނޭވާލުމަށް އުނދަގޫވުމާއި، ބޮލާއި މޫނު ދުޅަވުމާއި، އަދި ކެއުން ބުއިމަށް އުނދަގޫވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
"މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެކެވެ،" މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.