ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް ހިމެނޭ ޕެކޭޖެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާ ކުރެވިފައިވާ ޝިޕްމަންޓެއްގައި ވޭޕް ސްޓިކް ފޮރުވާފައިވާކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުގައި މި ތަކެތި ފެނިފައިވެއެވެ.
މީގެ އިތުރުން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ތިން ތަނެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެ، އެއް ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައި ފާސްކުރެވުނެވެ.
ފުލުހުން ބުނާގޮތުގައި، މި ބަލައި ފާސްކުރުމުގައި 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ ފެނިފައިވެއެވެ. ނަމަވެސް ފެނުނު ފައިސާގެ އަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވަނީ 27 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އަބޫ ސުފްޔާނެވެ.
މީގެ އިތުރުން ފުލުހުން ވަނީ ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކާކަމަށް ތުހުމަތުކުރެވޭތީ، އެތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ބެލުމުގެ ދަށަށް ގެނެސްފައެވެ.