އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓު މައްސަލަ ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އައްޑޫއަށް ފޮނުވަން ނިންމައިފިއެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެސް އައްޑޫއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވާފައިވީ ނަމަވެސް، ކަރަންޓުގެ މައްސަލައަށް އަދިވެސް ދާއިމީ ޙައްލެއް ލިބިފައެއް ނުވެއެވެ.
ފެނަކައިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ބޭނުންކުރަމުން ގެންދާ ކަމަށާއި، ދެވަނަ ޖަނަރޭޓަރު ރޯދަމަހުގެ ކުރިން މަރާމާތުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއަރ ޕާޓްސް ގެނެސްގެން ތިންވަނަ ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މީގެއިތުރުން، އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ނިޒާމު ރަނގަޅުކޮށް، ޖަނަރޭޓަރުތަކުގެ ޕަރފޯމަންސް އިތުރުކުރުމަށްވެސް ރޭވިފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތް ނިންމުމަށް ރާއްޖެއިން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، އެކަމަށް މަސްދުވަސްތަކެއް ހޭދަވާނެކަމަށް ފެނަކައިން މަޢުލޫމާތުދީފައިވެއެވެ.