ވޭޕްގެ ވިޔަފާރި ކުރަމުންއައި ބިދޭސީއެއް ހައްޔަރުކޮށްފި

ވޭޕްގެ ވިޔަފާރި ކުރަމުންއައި ބިދޭސީއެއް ހައްޔަރުކޮށްފި

Author
ހުސައިން
06 މާރޗް 2025 12:46
0

މާލޭގައި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަބޫ ސުފްޔާން (27) ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގެ ތެރޭގައި ވޭޕް ވިއްކާކަމަށް ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ތަނާއި އޭނާ މަސައްކަތްކުރާ ކެފޭ ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ވަނީ ފެނިފައެވެ.

މީގެ އިތުރުން، ގަލޮޅުގައި ހުންނަ ފިހާރައެއްގައިވެސް ވޭޕް ވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ޞިއްޙީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ބައިވެރިވެފައިވެއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.