އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ގޮވާލާ މިއަދު މުޒާހަރާއެއް ބާއްވަނީ

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ގޮވާލާ މިއަދު މުޒާހަރާއެއް ބާއްވަނީ

ގުޅުންހުރި

މާލެ، 6 މާރިޗް 2025 – އައްޑޫ ސިޓީގައި ދިގު މުއްދަތެއް ވަންދެން ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗް ކައިރީގައި މިއަދު ހަވީރު 4:00 އިން 5:00 އަށް މުޒާހަރާއެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިހުމާލުވެފައިވާތީ އިހުތިޖާޖުކުރުން ނޫން އެހެން ގޮތެއް މިވަގުތު ނެތް ކަމަށެވެ.

މި މުޒާހަރާގެ ކުރިން، ރޭ ދަންވަރު ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އައްޑޫއަށް ވަޑައިގަތުމުން ވެސް ގަން އެއަރޕޯޓުގައި ވަނީ އިހުތިޖާޖު ކުރެވިފައެވެ. ރޭ އައްޑޫއަށް ވަޑައިގެންނެވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފެވެ.

އެއަރޕޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުން ވަނީ ތަފާތު ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުރުހުން ފާޅުކޮށްފައެވެ. އެ ސަރަހައްދަށް އެއްވި ފަރާތްތަކުން ވަނީ ކަރަންޓުގެ މައްސަލައަށް ފެނަކައިގެ އިސްވެރިންގެ ޖަވާބެއް ނުލިބޭނެ ކަމާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެފަދަ މަޤާމުތަކަށް ހަމަޖައްސާފައިވާ ފަރާތްތަކަކީ ނުކުޅެދޭ ބައެއް ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ކުރިން ބުނެފައިވިޔަސް، ރޯދަމަސް ފެށުނު ފަހުން ވެސް އައްޑޫގެ އެކި އަވަށްތަކުން ކަރަންޓު އަންނަނީ ޤަވާއިދުން އެއް ގަޑިއިރަށް ކެނޑެމުންނެވެ.

މިކަމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން އަދި ރަސްމީ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ