ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުމާއެކު، އިސްތިއުފާ ގަބޫލުކޮށް ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ، ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އިއްޔެއެވެ. އޭނާގެ އިސްތިއުފާގެ ސިޓީ އެޑްރެސް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަންޖެހެނީ ޖޭއެސްސީގެ ރައީސަށެވެ. އެހެންނަމަވެސް ފަހުން ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ވެސް ހުށަހެޅުމާ ގުޅިގެން، މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި މީދޫ ހަސަންކާރިގެ، އަލްއުސްތާޒު ހުސްނުއްސުއޫދު 4 މާރިޗު 2025 އިން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިވެފައިވާކަމަށް ބުނެފައިވެއެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ ގުޅިގެން، ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައެވެ. ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖޭއެސްސީން ވަނީ ސަސްޕެންޑްކޮށްފައެވެ. މި ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ޖޭއެސްސީ އަށް ފޮނުވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ