ކޯވިޑް ވެކްސިން ގެނައުމަށް ސިންގަޕޫރު ކުންފުންޏަކާއި ހަވާލު ކުރަނީ

ކޯވިޑް ވެކްސިން ގެނައުމަށް ސިންގަޕޫރު ކުންފުންޏަކާއި ހަވާލު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 03:29
0

ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ  ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

މި ވެކްސިންއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައިވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ މަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1-1.02 ވަނަ މާއްދާއިން، ފިނޭންސް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، އިސްވެ ދެންނެވުނު އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 4 މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އަމަލުކުރަން ނުޖެހޭ 4 މާއްދާ:

– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.43 ވަނަ މާއްދާގެ

– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާގެ

– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.67 ވަނަ މާއްދާ؛

– ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.71 ވަނަ މާއްދާ.

މި ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމާއި، އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރަންވާނީ އެ އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ފަދައިން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އެ ޚަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގާފައިވާކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.