ސަރުކާރުން އަލަށް ތަޢާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 22 އިން 28 ގެ ނިޔަލަށް އެކަނިވެސް 6912 މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 3569 ދަތުރު މާލެތެރޭގައި ކޮށްފައިވާއިރު، ދާދި ފަހުން ވިލިމާލޭގައި ފެށި ޚިދުމަތް 528 މީހުން ވަނީ ހޯދާފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ގިނަ މީހުން ޚިދުމަތް ހޯދާފައިވަނީ ވެބް ބުކިންގ މެދުވެރިކޮށެވެ. އެގޮތުން 6112 މީހުން ވެބް މެދުވެރިކޮށް އަދި 800 މީހުން ކޯލް ސެންޓަރު މެދުވެރިކޮށް ޓެކްސީ ނަގާފައިވެއެވެ. ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ދިނުމުގެ ގޮތުން އާންމު ގަޑިތަކުގައި 3 ނުވަތަ 4 މިނިޓު ތެރޭގައި ކޯލްތަކަށް ޖަވާބުދޭނެކަމަށާއި، ބާރުބޮޑު ގަޑިތަކުގައިވެސް 5 ނުވަތަ 6 މިނިޓު ތެރޭގައި އެޓެންޑުވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި ޓެކްސީ ޑްރައިވަރުންނަށް ޚާއްސަ ތަމްރީނުތަކެއް ދެމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ފެށި މި ޚިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ. މި ޚިދުމަތް ހޯދުމަށް މިހާރު އެޕަލް އެޕްސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މީގެ އިތުރުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓު ފޮނުވާ