ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމަށް ބޭރުގެ އެހީ ބޭނުމެއް ނޫން: އީރާން

ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމަށް ބޭރުގެ އެހީ ބޭނުމެއް ނޫން: އީރާން

Author
އަހުމަދު
30 ޖޫން 2026 06:23
0

ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅީގައި އަޅާފައިވާ މައިންތައް ނެގުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ބޭނުންނުވާކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުން މިކަން ހާމަކޮށްފައި މިވަނީ، އެ ސަރަހައްދުގައި ހުރި މައިންތައް ނެގުމުގެ މަސައްކަތް ފްރާންސާއި އޮމާން ގުޅިގެން ކުރުމަށް ނިންމާފައިވާކަން ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން އިއުލާނުކުރައްވާފައި ވަނިކޮށެވެ. މެކްރޯން ވިދާޅުވެފައިވަނީ މި ފިޔަވަޅަކީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމުގެ މަގުސަދުގައި ނިންމެވި ނިންމެވުމެއް ކަމަށެވެ.

މެކްރޯންގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަޣާއީ އިތުރަށް ވިދާޅުވި ގޮތުގައި، އެ ކަނޑުއޮޅިން މައިން ނެގުމުގެ މަސައްކަތަކީ އެމެރިކާއާއި އީރާނާ ދެމެދު ވެވިފައިވާ ވަގުތީ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ ކަމެކެވެ. އެހެންކަމުން މިކަމުގެ ތެރެއަށް އިތުރު ބަޔަކު ވަންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ، ބައިނަލްއަގުވާމީ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގެވެ. މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށާއި އެމެރިކާ އަދި ޗައިނާއަށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންކުރާ މި މުހިންމު ކަނޑުއޮޅީގެ ހަމަޖެހުން ގެއްލިއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.