ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އިއްޔެ ފެށި މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ވީ އެންމެ އަވަހަކަށް ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުން އެކުލަވާލުމެވެ. އަދި މިއީ ދެ ގައުމުގެ ވެސް ވިސްނުން ހުރި ގޮތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި ތިއްބެވި ފަންނީ ތަޖުރިބާކާރުންގެ ލަފަޔާއި ޚިޔާލާއެކުގައެވެ. މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، އެފްޓީއޭގެ ސަބަބުން ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޑިއުޓީ މާފުވުމާއި، އެފްޓީއޭ ނޯންނަ ގައުމުތަކަށް މުދާ އެކްސްޕޯޓު ކުރުމަށް ފަހި މަގުތަކެއް ހުޅުވި، ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުން ރައްކާތެރިވުމަށް މަގުފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި ސަރުކާރުން ދާދި ފަހުން ވަނީ ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭއަށް އަމަލުކުރަން ފަށާފައެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާއާއި ރާއްޖެއާ ދެމެދު މިހާރު ކުރެވެމުންދާ 700 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ކޮމެންޓު ފޮނުވާ