ކުރީ ސަރުކާރުން ތަރައްޤީކުރަން ފެށި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ބޮޑެތި މަތިންދާބޯޓުތަކަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ނޫންކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދުރު މަންޒިލްތަކުން އަންނަ ވައިޑް ބޮޑީ އެއާކްރާފްޓްތައް އެ އެއާޕޯޓަށް އޮޕަރޭޓް ކުރަން ބޭނުންވާނަމަ ޖެހޭނީ އެތަން އަލުން ތަރައްޤީކުރަން ކަމަށެވެ. އެގޮތުން ޗައިނާ ފަދަ ޤައުމުތަކުން ސީދާ ދަތުރުތައް ކުރާ އޭ330 އާއި އޭ340 އަދި ބޮއިން 777 މަރުކާގެ ބޮޑެތި ބޯޓުތައް، މިހާރު އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ނުޖެއްސޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 136 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ޖެނުއަރީ 2023 ގައި ތަރައްޤީކުރަން ފެށި މި އެއާޕޯޓުގެ 2.46 ކިލޯމީޓަރުގެ ރަންވޭ ޚާއްސަކޮށްފައިވަނީ އޭ320 އަދި ބޮއިން 737 ފަދަ ނެރޯ ބޮޑީ ބޯޓުތަކަށެވެ. ބޮޑެތި ބޯޓުތައް ނުޖެއްސުނު ނަމަވެސް، އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ ޓާމިނަލާއެކު އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން އެތަނުގައި ހުންނާނެއެވެ. މީގެ އިތުރުން ޗެކިން ކައުންޓަރުތަކާއި، ޑިއުޓީ ފްރީ ފިހާރަތަކުގެ އިތުރުން ކާގޯ ޓާމިނަލެއްވެސް މި މަޝްރޫޢުގެ ދަށުން ވަނީ ތަރައްޤީކޮށްފައެވެ.
ކޮމެންޓު ފޮނުވާ