މިފްކޯއިން މަސްވެރިންނަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ބުނިގޮތުގައި މިމަހުގެ ދެވަނަ ދުވަހު ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ހެނދުނު 10:30 އާއި 12:30 ދެމެދު ފައިސާ ޖަމާ ކުރެވޭނެއެވެ. އަދި އެހެން ބޭންކް ޓްރާންސްފާތައް މިއަދު މެންދުރު 12:30 ގެ ކުރިން ކްލިއާ ކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ މަޢުލޫމާތުގައިވާ ގޮތުން ދެވަނަ ދުވަހު ހަތަރު މަސް ދޯންޏަކުން މަސް ކިރާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 205,472 ރުފިޔާ ދައްކާފައިވާކަން ހާމަކޮށްފިއެވެ.
މިފްކޯއަށް ކިރާ މަހަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ ފައިސާ ދެމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މަސް ކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ. މިހާރު ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައިވެއެވެ.
މިފްކޯއިން މަސްވެރިންނަށް ކްރެޑިޓަށް ވެސް ތެޔޮ ވިއްކައެވެ. އަދި އެ ފައިސާ މިފްކޯއަށް ކިރުވާ މަހަށްވާ ފައިސާގެ ތެރެއިން ދަނީ ކަނޑަމުންނެވެ.
މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައިހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސް ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންނެވެ.