ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރި ހަތްވަނަ އަހަރީ ދުވަހާ ގުޅިގެން، މުޅި މަހު އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ޚިދުމަތްތަކަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސީޓީ ސްކޭން އަދި އެމްއާރްއައި ޚިދުމަތުން 15 ޕަސެންޓް އަދި ބޯން މިނަރަލް ޑެންސިޓީ ޓެސްޓްތަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. އަދި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ސްކިން ރެޖޫވިނޭޝަން، އެކްނީ ސްކާ ޓްރީޓްމަންޓް އަދި ޓެޓޫ ރިމޫވަލް ޚިދުމަތުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ.
މީގެއިތުރުން، ދަތް ސާފުކުރުމާއި ދަތް ބްލީޗް ކުރުމާއި ފުޓުނި އެޅުމުގެ ޚިދުމަތުން 15 ޕަސެންޓްގެ ޑިސްކައުންޓެއް މި މަހުގެ 15 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިދިޔަ ހަތް އަހަރަކީ ކާމިޔާބު އަހަރުތަކެއްގެ ގޮތުގައި ސިފަކުރެއެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސް އެކި ޚިދުމަތްތައް ތަޢާރަފްކުރިކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ހޮސްޕިޓަލުން މިދިޔަ ހަތް އަހަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:
- ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް ތަޢާރަފްކޮށް، އެ ޚިދުމަތް ކާމިޔާބުވެ، އައިވީއެފް މެދުވެރިކޮށް ކުއްޖަކު ވިހެއުން
- ކަކުލު ހުޅު ބަދަލުކުރުމުގެ ހާހަކަށް ވުރެ ގިނަ ސާޖަރީ ކާމިޔާބުކަމާއެކު ކުރުން
- ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޑްލެސް ޕޭސްމޭކަރެއް ލެއްވުން
- އާދަޔާ ޚިލާފަށް ބޮޑު ޕެރޯޓިޑް ޓިއުމަރެއް ނައްތާލުމަށް ކޮމްޕްލެކްސް ސާޖަރީއެއް ކާމިޔާބުކަމާއެކު ހެދުން
- ފުރަތަމަ ފަހަރަށް ރީނަލް އެންޖިއޯޕްލާސްޓީ (ބެދިފައި ނުވަތަ ބްލޮކްވެފައިވާ ހިތުގެ ލޭހޮޅި ފުޅާކުރާ) ޕްރޮސީޖަރު ކާމިޔާބުކަމާއެކު ކުރުން
- ގޭގެއަށް ގޮސް ދޭ ހޯމްކެއާ ފިޒިއޯތެރަޕީ ޚިދުމަތް ތަޢާރަފް ކުރުން
- ގޭގައި ތިބެގެން ހެދޭ ޑަޔަލިސިސް (ޕެރިޓޯނިއެލް ޑަޔަލިސިސް) ތަޢާރަފް ކުރުން
- ޕްރައިމަރީ ހެލްތު ކެއާ ނުވަތަ ފެމިލީ މެޑިސިން ޚިދުމަތް ޓީޓީއެޗް މާލެ ކްލިނިކަށް ފުޅާކުރުން
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ކޭމްޕް ބާއްވައި 1,500 އަށް ވުރެ ގިނަ މީހުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުގައި 30 އަށް ވުރެ ގިނަ ސްޕެޝަލިސްޓު ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރެއެވެ. އައިސީޔޫ، ކެތް ލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލިސިސް އަދި ކީމޯތެރަޕީގެ ޚިދުމަތް ދޭ މި ހޮސްޕިޓަލުގައި 210 އެނދުގެ ކެޕޭސިޓީ ހުރެއެވެ.