މެޓް އޮފީހުން މިއަދު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ދެމިއޮންނާނީ މިއަދުގެ 09:30 އިން ފެށިގެން 13:30 އާ ހަމައަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް ވަނީ ލަފާކުރެވިފައެވެ.
މީގެއިތުރުން، މިއަދުގެ ހެނދުނު 07:00 އިން 11:00 އަށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވެސް ރީނދޫ ސަމާލެއް ނެރެފައިވެއެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެއެވެ. އުތުރުގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެއެވެ.
މެޓް އޮފީހުން ހާމަކުރިގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އިރުމަތީގައި އުފެދުނު ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. އެ ސާކިއުލޭޝަން މިހާރު ހުޅަނގުގެ ހިސާބުތަކަށް މިސްރާބު ޖަހާފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ހުޅަނގުގެ ހިސާބުތަކަށް މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ވަނީ މަޢުލޫމާތު ދީފައެވެ.