އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުން ދެބޭފުޅުންގެ ބޮޑު ޒުވާބަކުން ނިމިއްޖެއެވެ.
ޓްރަމްޕްއައި ޒެލެންސްކީ ހޫނު ބަހުސަކަށް ދިޔައީ ރަޝިޔާގެ ލީޑަރ ވްލަދިމިރް ޕުޓިންއާއެކު ވެވޭ އެއްބަސްވުމެއްގައި ޔުކްރެއިންއިން ކޮމްޕްރޮމައިޒްކުރަންޖެހޭ އެމެރިކާއިން ދެކޭ މައްސަލާގައެވެ.
މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޒެލެންސްކީއަށް އޯވަލް އޮފީހުގައި ވަރަށް ބޮޑަށް ފާޑުކިޔުއްވާފައެވެ. "ތިބޭފުޅުން އަންނަންވާނީ ޝުކުރުވެރިކަމާއެކުގައޭ" ވިދާޅުވެ، "ތިބޭފުޅުންނަކީ އަޅުގަނޑުމެންގެ އިހުސާސްތަކަށް އަމުރުކުރާނެ ފަރާތެއް ނޫން" ކަމަށް ޒެލެންސްކީއަށް ނިސްބަތްކޮށް ޓްރަމްޕް ވިދާޅުވިއެވެ.
ޔުކްރެއިންގެ ރައީސްއަށް ނިސްބަތްކޮށް ޓްރަމްޕް ވިދާޅުވީ "ރަޝިޔާއާއެކު ޑީލްއެއް ހަދާށޭ، ނޫނީ އަޅުގަނޑުމެން ނުކުންނާނަމޭ" އެވެ. މިބައްދަލުވުމުގައި ޓްރަމްޕްއާއެކު ބައިވެރިވެވަޑައިގެންނެވި އެމެރިކާގެ ނާއިބު ރައީސް ޖޭ.ޑީ ވާންސްވެސް ޒެލެންސްކީއަށް ނިސްބަތްކޮށް ވިދާޅުވީ، އޭނާއަކީ "އިހުތިރާމްކުޑަ" މީހެއްކަމަށް ވިދާޅުވިއެވެ.
ޒެލެންސްކީ ވާހަކަދައްކަން މަސައްކަތްކުރެއްވި ކަމަށް ފެނުނު ނަމަވެސް ޓްރަމްޕްވަނީ ވާހަކަ މެދުކަނޑުވާލާފައެވެ. ޓްރަމްޕް ވިދާޅުވީ ޔުކްރެއިންއިން ރަޝިޔާއާއެކު ހުއްޓުމަކަށް ގެނައުމަށްޓަކައި "ކޮމްޕްރޮމައިޒްތަކެއް" ކުރަންޖެހޭނެކަމަށެވެ.
"ކޮމްޕްރޮމައިޒް ނުކޮށް ޑީލްއެއް ނުހެދޭނެ. އެހެންވީމާ، ހަމަގައިމުވެސް އޭނާ ކޮންމެވެސް ކޮމްޕްރޮމައިޒްތަކެއް ކުރަންޖެހޭނެ، އެކަމަކު ބައެއް މީހުން ހިތާ ހުރި ވަރަށް ބޮޑެތި ކޮމްޕްރޮމައިޒްތަކެއް ނުވާނެ" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ޒެލެންސްކީ، ހަނގުރާމައިގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކަވަމުން، ޕުޓިންއަށް ނިސްބަތްކޮށް ވިދާޅުވީ "މަރުގެރިއެއްކައިރި އަޅުގަނޑުމެންގެ ސަރަހައްދުގައި އެއްވެސް ކޮމްޕްރޮމައިޒެއް ނުވާނޭ" އެވެ.
ޓްރަމްޕް ޒެލެންސްކީގެ މައްޗަށް ނުރުހުންފާޅުކުރައްވައި، "ތި ބޭފުޅާ އެއްގޮތަކަށްވެސް ޝުކުރުވެރިކަމެއް ނުދައްކަވާ، ރަނގަޅެއްވެސް ނުވޭ" ވިދާޅުވިއެވެ.
މި ބައްދަލުވުމަށްފަހު ވައިޓްހައުސްގައި ޓްރަމްޕްއާއި ޒެލެންސްކީ ބޭއްވުމަށް ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުންވެސް ވަނީ ކެންސަލް ކޮށްފައެވެ.