ކުރިޔަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންގާފައިވާތީ، އާންމުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް' މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ރައްޔިތުން ތައްޔާރުވުމުގައި ވީހާވެސް ފަސޭހަކޮށް ކަންކަން އިންތިޒާމްކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އަންގަވާފައިވެއެވެ. ނަމަވެސް އެޅުމަށް ނިންމާފައިވާ ވަކި ފިޔަވަޅުތަކެއް ހީނާ ހާމަކުރައްވާފައެއް ނުވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ކުރިޔަށް އޮތް 72 ގަޑިއިރަށް ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހޭނެއެވެ. އަދި މި ގޮތުން މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ގުގުރައި ބޯކޮށް ވާރޭވެހުމުގެ އިންޒާރު ދެމިން، ރީނދޫ ސަމާލު ދެފަހަރެއްގެ މަތިން ދަމަހައްޓާފައިވާއިރު، ދެކުނުގެ ސަރަހައްދުތަކަށް ނެރެފައިވާ ހުދު ސަމާލު މިރޭ 10 ޖަހަންދެން ދެމިއޮންނާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ދުވަސްވަރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.