ގެދޮރުވެރިޔާ ސްކީމްގެ ދަށުން، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު އަށް ލިބުނު ފްލެޓް ދޫކޮށްލަން ގަސްދުކުރައްވާކަމަށް އިޢުލާންކުރައްވައިފިއެވެ.
ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ، އޭނާއަށް ކޯއެޕްލިކަންޓެއްގެ ގޮތުގައި ހިމެނިގެން އަނބިކަނބަލުން މަރްޔަމް ތައުފީޤާއަށް 3 ކޮޓަރީގެ ފްލެޓެއް ލިބިވަޑައިގެންފައިވާކަމަށެވެ. އެހެންނަމަވެސް، މިހާރު އަދާކުރައްވާ މަޤާމުގެ ހައިސިއްޔަތަށް ރިޢާޔަތްކޮށް، އަންހެނުންގެ ނަމުގައި ކަނޑައަޅާފައިވާ ފްލެޓް ލިބިގަތުމަށް އުޒުރުވެރިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ވަޒީރު ޑރ. ހައިދަރު އިތުރަށް ވިދާޅުވެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ހައްޤުވާ އެތައް އާއިލާއެއް ތިބޭނެކަމަށް ގަބޫލުކުރައްވާކަމަށާއި، އެ ސަބަބަށްޓަކައި ސްކީމްގެ ދަށުން އޭނާއަށް ލިބިފައިވާ ފްލެޓް ދޫކޮށްލެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މުރާޖަޢާކުރުމަށްފަހު ބުރާސްފަތި ދުވަހު ވަނީ އާންމުކޮށްފައެވެ.