ހާމަކުރި ފުލެޓު ލިސްޓަކީ ފުރިހަމަ ލިސްޓެއް ނޫން: ޝާހިދު

ހާމަކުރި ފުލެޓު ލިސްޓަކީ ފުރިހަމަ ލިސްޓެއް ނޫން: ޝާހިދު

ގުޅުންހުރި

މި ސަރުކާރުން ހާމަކުރި ފުލެޓު ލިސްޓަކީ ފުރިހަމަ ލިސްޓެއް ނޫން ކަމަށާއި، ކުރިން ޝަރުތުހަމަވި މީހުންގެ ނަންތައް އުނިކުރުން އެއީ އަނިޔާވެރިކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެނުވަނިކޮށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައި ނެރުނު ފުލެޓު ލިސްޓަކީ ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އެކުލަވާލެވިފައިވާ ލިސްޓެއް ކަމަށްބުނެ އޭސީސީން އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވިއެވެ. އޭގެފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފެބްރުއަރީ މަހު ފުލެޓުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އޭސީސީން ހުއްދަދިނުމާއެކު، އެ ލިސްޓު ހައުސިން މިނިސްޓްރީން ބެލުމަށްފަހު ނެރުމަށް ނިންމިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ލިސްޓު ނެރޭނެ ތާރީޚުތަކެއް އިޢުލާންކުރިނަމަވެސް، އެ ތާރީޚުތަކުގައި ނެރެފައިނުވެއެވެ.

އިއްޔެ ނެރުނު ލިސްޓަކީ ގެދޮރުވެރިޔާ ސްކީމުގެ ދެ ކޮޓަރީގެ ފުލެޓުތަކާއި ތިން ކޮޓަރީގެ ފުލެޓުތަކަށް ޕޮއިންޓް ހަމަވި ފަރާތްތަކުގެ ފޯމްތައް އަލުން ބެލުމަށްފަހު ތައްޔާރުކުރެވުނު ލިސްޓެކެވެ. މި ލިސްޓުގައި 1,820 ފަރާތް ޝަރުތު ހަމަވާކަމަށް ދައްކައެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި އަބްދުﷲ ޝާހިދު ވިދާޅުވީ، ލިސްޓުގެ "ކުޑަ ތަންކޮޅެއް" ދައްކާލައިފައި މިއީ މުޅި ލިސްޓު ކަމަށް ބުނަމުންދާއިރު، ފުލެޓު ލިބުނު މީހުންނަށް ލިބޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ. ކެބިނެޓުގައި ހިމެނޭ ވަޒީރުންގެ ތެރެއިން، 20 އަހަރު ރާއްޖެއިން ބޭރުގައި އުޅެފައި އައި ވަޒީރަކު ޝަރުތު ހަމަވެފައިވާއިރު، މާލޭގައި ނިކަމެތިކަމާއެކު އުޅުނު އެތައް ބަޔަކު ޝަރުތު ހަމަނުވުމަކީ ސީދާ އަނިޔާވެރިވުން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މިއީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކައެކެވެ. ޑރ. ހައިދަރު ވަނީ އެހެން ހައްޤުވެރިން ތިބިކަމަށް ވިދާޅުވެ ފުލެޓް ދޫކޮށްލައްވައިފައެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، ރޯދަމަހަށް އެއްދުވަހަށްވީއިރު ނެރުނު ލިސްޓުން 3,000 އަށްވުރެ ގިނަ މީހުންގެ ނަން ކަނޑާލާފައިވާ ކަމަށެވެ. ޝާހިދު ސިފަކުރެއްވީ، މިހާރުގެ ސަރުކާރަކީ އަނިޔާވެރި، ދޮގުހަދާ، މަކަރުވެރި ސަރުކާރެއް ކަމަށާއި، އެކަމުގެ ސަބަބުން ރަމަޟާން މަހަށް މަރުހަބާ ކިޔަން ހުންނަ އުފާވެރިކަމަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ނެރުނު ލިސްޓުގައި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 1,218 ފަރާތެއް އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 3,721 ފަރާތެއް ޝަރުތު ހަމަވެފައިވެއެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، 4,939 ފޯމު އަލުން ބެލުމަށްފަހު، ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފޯމުތަކަށް ދީފައިވާ ޕޮއިންޓްތައް ޞައްޙަނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، މި ލިސްޓަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، މިއީ ނުފޫޒު ފޯރުވުމެއްނެތި ނެރުނު އެންމެ ފުރަތަމަ ފުލެޓު ލިސްޓު ކަމަށެވެ. އަދި މި ވެރިކަމުގެ ދައުރު ނިމޭއިރު މާލޭގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ގެދޮރުވެރިކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ