މާލޭގެ ރަސްމީ ފާލަން 1950 ގައި ކުރީގެ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ހުރި އަސްލު ޑިޒައިނަށް މި ސަރުކާރުން އަލުން ތަރައްޤީކޮށް ހުޅުވުމަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. އަމީން ދީދީގެ ދައުރުގައި ލަކުޑިން ހަދާފައިވާ މި ފާލަމަށް އޭރު މަޝްހޫރުވެފައިވަނީ "ބޮޑު ފާލަން" ގެ ނަމުންނެވެ.
ރަސްމީ ފާލަމުގެ ޑިޒައިނަށް ތާރީޚުގެ އެކި ދުވަސްވަރު ތަފާތު ބަދަލުތަކެއް ގެނެވިފައިވެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ރަސްމީ ފާލަން އަލުން ހަދާފައިވާއިރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ފާލަމުގެ ޑިޒައިން ބަދަލުކޮށް ރިޔަލެއްގެ ގޮތަށް ބަދަލުކޮށް "އިއްޒުއްދީން ފާލަން" ގެ ނަން ދީފައިވެއެވެ.
އެންމެފަހުން ފާލަން މަރާމާތުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އޭގެފަހުން ގިނަ ދުވަސްވަންދެން އެއްވެސް މަރާމާތެއް ނުކުރެވި ހުރުމުގެ ސަބަބުން ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖަހައި، ބޮލަށް ވެއްޓޭ ހިސާބަށް ހާލަތު ގޯސްވެފައި ހުއްޓެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، މި ސަރުކާރުން ފާލަން މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މޭ މަހު އެމްޓީސީސީއާ ޙަވާލުކުރިއެވެ.
މިހާރު ފާލަމުގެ މަރާމާތުގެ މަސައްކަތް ފުރިހަމައަށް ނިމި، އެމްޓީސީސީއިން ދަނީ ފާލަން ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ. މި މަޝްރޫޢަށް ޖުމްލަ 11.7 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުއްތަލިބު ކުރިން ހާމަކުރެއްވި ގޮތުގައި، މަރާމާތުގެ މަސައްކަތުގައި ބަދަލު ގެނެސްފައިވަނީ ފާލަމުގެ މަތީ ބަޔަށް އެކަނިކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ