އަޒާންގެ ޢަމަލުތައް ކުށްވެރިކޮށް، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި

އަޒާންގެ ޢަމަލުތައް ކުށްވެރިކޮށް، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގުގެ ޢަމަލުތަކާ ގުޅިގެން އެ ދާއިރާގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް ނެރެފިއެވެ. މި ބަޔާން ނެރުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލަށް މެންބަރު އަޒާން ވޯޓުދެއްވުމާއި ގުޅިގެންނެވެ.

ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަޒާން މަޖިލީހުގެ މެންބަރުކަމަށް ހޮވިވަޑައިގަތީ ސަރުކާރުގެ ފަރާތުން ވާދަކުރައްވައިގެން އަދި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލަށް ވޯޓު ނުދިނުމަކީ ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއްކަމަށް މަޖިލީހުގައި ދައްކަވަން އަޒާން ބޭނުންވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ނިންމުމާ ގުޅޭ އެއްވެސް ކަމެއް ސްޓިއަރިން ކޮމިޓީއާ މަޝްވަރާކުރައްވާފައެއް ނުވެއެވެ. ޕާޓީގެ ވިޕްލައިނާ އެއްގޮތަށް މަޖިލިސް މެންބަރުން ވޯޓުދޭންޖެހޭ ގޮތަށް ގެނައި ބަދަލަކީ އަޒާންގެ ވެސް ވޯޓާއެކު ފާސްކުރި ބަދަލެއްކަމުގައިވިޔަސް، އެ ވިޕްލައިނާ އޭނާ ޚިލާފުވެފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްޓިއަރިން ކޮމިޓީން އުންމީދުކުރާ ގޮތުގައި މެންބަރު އަޒާން މިފަދަ ޢަމަލުތައް ތަކުރާރުނުކުރައްވައި، ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރައްވާނެއެވެ. މި ބަޔާނުގައި ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ އަށް މެންބަރުން ސޮއިކުރައްވާފައިވެއެވެ.

އިއްޔެގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތްއުފުލައިގެން ވޯޓަށް އަހަމުންދަނިކޮށް، ވޯޓުގައި ބައިވެރިނުވެ އަޒާން މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންނެވިއެވެ. އެ ބިލު ބަލައިގަތުމާމެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައިވެސް އަޒާން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން އަޒާން ވަނީ އިއްޔެ ބޭރުކުރައްވާފައެވެ.

ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށްފަހު ނެރުއްވި ބަޔާނެއްގައި މެންބަރު އަޒާން ވިދާޅުވެފައިވަނީ، އެ ބިލަށް ވޯޓު ނުދެއްވީ އެއީ ޤާނޫނުއަސާސީއާ ފުށުއަރާ ބިލެއްކަމަށް ޤަބޫލުކުރެއްވޭތީކަމަށެވެ. އަދި، އެ ބިލަށް ވޯޓުނުދެއްވުމަށް ސަރުކާރުގައި ހިމެނޭ ވަޒީރު ބޭފުޅުންވެސް އޭނާއަށް ލަފާދެއްވިކަމަށް އަޒާން ވިދާޅުވިއެވެ. އަދި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށްވުރެ އެހެން އެއްވެސް މަޞްލަޙަތެއް އިސްނުކުރައްވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ހުސްނުއްސުޢޫދު، މަހާޒު ޢަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑްކޮށްފައިވެއެވެ. ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00 އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލްކުރެވުނެވެ.

ޖޭއެސްސީން ބުނެފައިވަނީ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނާތީކަމަށެވެ. މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ޕީއެންސީން ވަނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެހެންނަމަވެސް، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ މައްސަލަ މިހާރު ވަނީ ހުއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ