މާލެ ސަރަހައްދުގެ ބުޅާތަކަށް ޚާއްޞަކުރެވުނު "އޮޅު ހިޔާ" އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކޮށްފި

މާލެ ސަރަހައްދުގެ ބުޅާތަކަށް ޚާއްޞަކުރެވުނު "އޮޅު ހިޔާ" އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކޮށްފި

ގުޅުންހުރި

އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއުލާނުކޮށްފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ޚާއްޞަކޮށްގެން ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ނަމަކަށް ކިޔާ ފެސިލިޓީ ރަސްމީކޮށް މާލެ ސިޓީ ކައުންސިލުން އެ މިނިސްޓްރީއާ ހަވާލުކޮށްފިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި ފެސިލިޓީގެ ހުރިހާ ރަސްމީ ލިޔެކިޔުންތަކާއި ޤާނޫނީ ވަސީލަތްތައް ބަދަލުކުރުމުގެ މަސައްކަތް ނިންމުމަށްފަހު، ކައުންސިލުން މިނިސްޓްރީއާ ހަވާލުކުރުން ވަނީ ފުރިހަމަކޮށްފައެވެ.

މި އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަލީ ޞަފްވާން އިބްރާހިމްއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، "އޮޅު ހިޔާ" ސަރުކާރާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. ނަމަވެސް، މަހަކަށްވުރެ ގިނަ ދުވަސްވީއިރުވެސް ކައުންސިލުން އެތަން ސަރުކާރާ ހަވާލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މިކަމާ ގުޅިގެން "ދިޔަރެސް" މީޑިއާއިން ކުރިން ސުވާލުކުރުމުން، ކައުންސިލްގެ އިސް ފަރާތަކުން މައުލޫމާތު ދެއްވާފައިވަނީ ފެސިލިޓީ ސަރުކާރާ ހަވާލުކުރުމަށް ތިން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެތަން ހަވާލުކުރުން ލަސްވާން ދިމާވި ސަބަބަކީ އެ ސިޓީތަކަށް ޖަވާބު ނުލިބުންކަމަށެވެ. އަދި "އޮޅު ހިޔާ" އަކީ ކައުންސިލުން ބޮޑު ޚަރަދެއް ކޮށްގެން ޤާއިމްކޮށްފައިވާ ތަނެއްކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލުން ބުޅާ ފެސިލިޓީ ސަރުކާރާ ހަވާލުކުރަން ނިންމީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދާތީ، "އޮޅު ހިޔާ"ގެ ހިންގުން އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކުރުމަށް އެ މިނިސްޓްރީން ކައުންސިލަށް އެންގުމާ ގުޅިގެންނެވެ.

މިނިސްޓްރީން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި، "އޮޅު ހިޔާ"އަށް ބުޅާތައް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި ޕްލޭންތަކާއި ލަފާތައް އެ މިނިސްޓްރީން މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވީނަމަވެސް، އެކަންކަމާ ގުޅިގެން އެއްވެސް ޚިޔާލެއް ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ. އަދި އެ އެސްއޯޕީތަކަށް އަމަލުނުކޮށް ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށައިފިނަމަ، ބުޅާތަކުގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މިނިސްޓްރީން އިންޒާރުދީފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ބުޅާ ފެސިލިޓީގެ މަސައްކަތް ނިންމައި "އޮޅު ހިޔާ" ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ