ސަސްޕެންޑް ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ. މި މައްސަލަ ބަލަން ފަށާފައިވާ ކަމުގެ ނޯޓިސް ފަނޑިޔާރު ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރާލްދާ ޒާހިރަށް ފޮނުވާފައިވެއެވެ. މި ތިން ފަނޑިޔާރުންނާ މެދު ތުހުމަތު ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާއާ ދިމާލަށް ހުތުރުބަހުން މުހާތަބު ކުރުމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ބިރުދެއްކުމުގެ މައްސަލަ ހިމެނެއެވެ.
މި މައްސަލަތައް ބަލަން ފަށާފައިވަނީ އޭސީސީއިން އެފަނޑިޔާރުންނާއި ގުޅުންހުރި އެހެން މައްސަލައަކާ ގުޅިގެން ތަހުގީގެއް ކުރިއަށްދާ ވަގުތެއްގައެވެ. މީގެ އިތުރުން، މި ފަނޑިޔާރުން ސަސްޕެންޑް ކުރެވިފައިވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާ އެއްވަގުތެއްގައެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ސުލޫކީ މައްސަލައެއް ސާބިތުވެ، މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ. އަދި ފަނޑިޔާރުން އެމީހުންގެ މަސައްކަތުގައި ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެއެވެ.