ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން ފެށި މަސައްކަތް ދާނީ ކުރިޔަށް: ރައީސް

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން ފެށި މަސައްކަތް ދާނީ ކުރިޔަށް: ރައީސް

Author
ހުސައިން
26 ފެބްރުއަރީ 2025 02:01
0

ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދޭން ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ ލާމަރުކަޒީ ދުވަހާ ގުޅިގެން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ރަށްރަށަށް ދަތުރުކުރައްވައި، ކައުންސިލްތަކުގެ އަޑު ސީދާ އައްސަވައި، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އަދި އެތަންތަނުގެ ޙާލަތު ލޮލުން ދެކެވަޑައިގަންނަވައި، ލާމަރުކަޒީ ނިޒާމަށް ހަގީގީ ބާރުވެރިކަން ދެއްވުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. މި ބަސްފުޅުތަކާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުފުޅުތައް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވަމުންނެވެ.

އަދި ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މާލީގޮތުން ބާރުވެރިކުރެއްވުމަށްވެސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވައެވެ. މިގޮތުން، ކައުންސިލްތަކަށް ފަޅުރަށްތައް ދެއްވައި، މާލީ މަންފާ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދެއްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ލާމަރުކަޒީ ދުވަސް ކަމުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހެވެ. މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އިންތިޚާބުކުރެވުނު ކައުންސިލަރުން ހުވާކުރެއްވި ތާރީޚީ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.