އިމިގްރޭޝަން އެކްސްޕެކްޓް ސިސްޓަމުން ދައުލަތަށް ގެއްލުންވާ ގޮތަށް މިދިޔަ ސަރުކާރުގެ ވެރިން ޢަމަލުކޮށްފައިވާތީ އެމްޑީޕީ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ޖިނާއީ ތަޙުޤީޤު ހިންގުމަށް އަންގާނެކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިޙްސާން މިފަދައިން ވިދާޅުވީ އޭނާއާއި ދެކޮޅަށް މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
އެމްޑީޕީގެ 12 މެންބަރުން މިނިސްޓަރު އިޙްސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރު ޑޭޓާ ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމާއި، ބެސްޓިނެޓް މައްސަލައިގައި އަހަރަކު 460 މިލިއަން ރުފިޔާ ދައްކަންޖެހޭ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނެއެވެ. މީގެއިތުރުން ފުލުހުންގެ ތަޙުޤީޤުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވެއެވެ.
މި ހުރިހާ ތުހުމަތުތަކަށް މިނިސްޓަރު ވަނީ އިންކާރުކުރައްވާފައެވެ. މިނިސްޓަރު އިޙްސާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން ބެސްޓިނެޓް މައްސަލައިގައި ޖަވާބުދާރީވަމުން، މިނިސްޓަރު ވަނީ އެކަމާ ގުޅިގެން ކަން ހިނގާފައިވާ ގޮތާއި އެކަމުގެ ލިޔެކިޔުންތައް މަޖިލީހާ ހިއްސާކުރައްވާފައެވެ.
އެގޮތުން 13.7 މިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭ ބެސްޓިނެޓް މައްސަލައިގައި އެމްޑީޕީގެ ސަރުކާރުގެ ވެރިން އަޅާލައިފައި ނުވާކަމަށް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.