ދ. ކުޑަހުވަދޫ ފެނާއި ނަރުދަމާ ނިޒާމު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފި

ދ. ކުޑަހުވަދޫ ފެނާއި ނަރުދަމާ ނިޒާމު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލު ކޮށްފި

Author
ހުސައިން
24 ފެބްރުއަރީ 2025 10:06
0

ދ.ކުޑަހުވަދޫގައި ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި، އެރަށުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މިހާރު ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ.

87 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅި އަޅައި، ނަރުދަމާ ޕަންޕިން ސްޓޭޝަނާއި ޖަންގްޝަން އަދި ފެން މީޓަރުތައް ބަހައްޓައި، އައުޓްފްލޯ އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން މިހާރު ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ދެ އާރު.އޯ ޕްލާންޓާއި 700 ޓަނުގެ ފެން ރައްކާކުރެވޭ ދެ ޓޭންކު ބެހެއްޓޭނެއެވެ. މި މަޝްރޫއު 700 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަހުވަދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ 11 އަހަރު ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުގައި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅެވޭނެ އަސާސީ އެއްވެސް ޚިދުމަތެއް ލިބޭނެ ގޮތް ހަދާފައި ނެތް ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ، ހައުސިންގ ޔުނިޓުތައް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.