ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެއްޖެއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ފަރާތުން މަޖިލީހަށް ހުށަހެޅިފައިވާ މި ބިލުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ޝާހިދު ވިދާޅުވެފައިވަނީ މިއީ ރައީސް މުއިއްޒު ޝަރުއީ ނިޒާމަށް ދެއްވާ އެންމެ ބޮޑު އުދުވާނީ ހަމަލާއެއް ކަމަށެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި މިވަގުތު ސުޕްރީމް ކޯޓުން ބައްލަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ހާލަތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ.
ޝާހިދު ވަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމުގެ މިނިވަންކަން ނައްތާލައި، ބާރުތައް އެއްފަރާތަކަށް ޖަމާކޮށް، ޚުދުމުޚްތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި "ގޮނޑިކޮއްކޮ" ސުޕްރީމް ކޯޓެއް އުފެއްދުމުގެ ފުރުސަތު ރައީސް މުއިއްޒަށް ނުދިނުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައްވާފައެވެ. އަދި ޝަރުއީ ދާއިރާއާ ދެކޮޅަށް ރައީސް މުއިއްޒު ހިންގަވާ "މި ޖަރީމާއާ" ދެކޮޅަށް މުޅި ޝަރުއީ ދާއިރާއާއި ރައްޔިތުން ތެދުވުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފައެވެ.
އަދި ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގައެއް ނުދޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.