އިތުރު ބަދަލުތަކާއެކު، މަސްދަޅު ކޭސްގެ ޓޯކަން ދޫކުރާ އަދަދު އިތުރުކުރުމަށް ނިންމައިފި

އިތުރު ބަދަލުތަކާއެކު، މަސްދަޅު ކޭސްގެ ޓޯކަން ދޫކުރާ އަދަދު އިތުރުކުރުމަށް ނިންމައިފި

ގުޅުންހުރި

ރޯދަމަހަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްގެ ޓޯކަން ދޫކުރާ އަދަދު އިތުރުކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ހޯދުމަށް ދިގު ކިއުތަކެއް އުފެދި، އާންމުންނަށް ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވުމާއެކު، އިއްޔެ ވަނީ އޮންލައިން ޓޯކަންއެއް ނަގައިގެން މަސްދަޅު ނެގޭނެ ގޮތަށް އިންތިޒާމުތައް ބަދަލުކޮށް، މަސްދަޅު ދޫކުރާ ސަރަހައްދުތައް އިތުރުކޮށްފައެވެ.

މިއާއެކު މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތަކުން ޓޯކަން ދޫކުރުމަށް ވަކި މިންވަރުތަކެއް ކަނޑައަޅާފައިވެއެވެ. ބައެއް ސަރަހައްދުތަކުން 50 ޓޯކަން ދޫކުރާއިރު، އަނެއްބައި ސަރަހައްދުތަކުން 100 ޓޯކަން އަދި ބައެއް ސަރަހައްދުތަކުން 200 ޓޯކަން ދޫކުރެއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު ކޮންމެ މަރުކަޒަކުން ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރާނެ ކަމަށެވެ. އަދި މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތަކަށް އަވަހަށް ތާރީހު ބަދަލުކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި، ޓޯކަން ނެގުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަން ހައްލުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ބެހުމުގެ ކަންކަން ކުރިޔަށް ދާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާއިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށްވެސް އެއްވެސް ދައްޗެއްނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެއެވެ. އެފަދަ ފަރާތްތަކުން މަރުކަޒަށް ދިއުމުން މަރުކަޒުގައި ތިބޭ މުވައްޒަފުން އެހީތެރިވާނެ ކަމަށާއި، މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ