މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށުގައި އިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދޭގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން ކޮނުމުގެ މަސައްކަތެވެ. ދައުލަތުގެ ބަޖެޓުން ޖުމުލަ 117.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 420 ދުވަހުގެ މުއްދަތެކެވެ.
ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ތަރައްޤީކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ. އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރިއާއި، 3 ފާހާނާގެ އިތުރުން ތަނަވަސް ސިޓިންގ ރޫމަކާއި، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެއެވެ.
މީގެ އިތުރުން، ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން އިމާރާތުގެ ވަށައިފާރު ރާނައި ސަރަހައްދު އަލިކުރުމާއި، ކުޑަކުދިންނާއި އާންމުންނަށް ޚާއްޞަ ޕާކެއްގެ އިތުރުން އުޅަނދުތައް ޕާކުކުރާނެ ޚާއްޞަ ސަރަހައްދެއްވެސް މި މަޝްރޫއުގެ ތެރެއިން ތަރައްޤީކުރެވިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ