ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
މި ބަދަލަށް އަދާލަތުގެ އިތުރުން ޕީއެންސީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ ތާއީދުކޮށްފައެވެ. ޕީއެންސީން ދެކޭގޮތުގައި މިއީ އިންތިހާބުތަކަށް ދައުލަތުން ކުރާ ހަރަދު ކުޑަކޮށް، ގައުމަށް ސިޔާސީ ހަމަޖެހުން ގެނުވާނެ ކަމެކެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީން އަންނަނީ މިކަމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އެމްޑީޕީން ބުނާ ގޮތުގައި މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި، ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ދައުލަތުގެ ބާރުތައް އެއްތަންކުރުމަށް ކުރާ ކަމެކެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ލިބޭ ފުރުސަތުތައް ހަނިވެގެންދާނެކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުގެ ދަށުން މި ދެ އިންތިހާބު އެއްކޮށްލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ މެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތެއް ބެލުމަށް، އަންނަ މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއެކު ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި މައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓާ ހަމައަށްވެސް ގޮސްފައެވެ. ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލުންގެ ޓީމަކުން ވަނީ، މި ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީއާ ހިލާފު ވޯޓެއްކަމަށް ކަނޑައަޅައިދިނުމަށާއި، އިންތިހާބުތައް އެއްކޮށްލުމުގެ އިސްލާހު ބާތިލުކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ