ރާއްޖޭގައި ދުއްވާ ހުރިހާ އިލެކްޓްރިކް ވެހިކަލް (އީވީ) ތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން 60 ދުވަހުގެ މުހުލަތެއް ދީފިއެވެ.
އެއްގަމުގައި ދުއްވާ އުޅަނދުފަހަރާ ބެހޭ ގަވާއިދަށް ގެނައި ހަތްވަނަ އިސްލާހުގެ ދަށުން ގެޒެޓުކޮށްފައިވާ އާ ގަވާއިދުގައިވާ ގޮތުން، ޕެޓްރޯލް ނުވަތަ ޑީސަލް ބޭނުންނުކޮށް ހަމައެކަނި ބެޓެރީ ނުވަތަ އިލެކްޓްރިކް މޮޓޯއިން ދުއްވާ އުޅަނދުތަކުގެ ބޯޑުތައް މިހާރު ޖެހޭނީ ފެހި ކުލައަށް ބަދަލުކުރާށެވެ. މި ބަދަލާއެކު، ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގައި ފެހި ބޯޑެއްގައި ރީނދޫ ކުލައިން އަކުރު ލިޔެފައި ހުންނަންޖެހޭއިރު، އަމިއްލަ ބޭނުންތަކަށް ދުއްވާ އުޅަނދުތަކުގައި ހުންނަންވާނީ ފެހި ބޯޑެއްގައި ހުދު ކުލައިގެ އަކުރެވެ. މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ބޯޑުތައް ބަދަލުކުރަން ގަވާއިދު އާންމުކުރި ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ފުރުސަތެއް ލިބޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށާއި، ކޮޕް29 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ތިމާވެށީގެ ވައުދުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ. އީވީ އުޅަނދުތަކަށް ހާއްސަ ބޯޑެއް ތައާރަފުކޮށްފައިވާއިރު، ސަރުކާރުން އަންނަނީ އެމްޓީސީސީއާ ގުޅިގެން 100 އީވީ ކާރާއެކު އަންނަ ކުޑައީދާ ދިމާކޮށް އާ ޓެކްސީ ލައިނެއް ތައާރަފުކުރުމަށްވެސް ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ