ލޯކަލް ގަވަރމަންޓް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ކައުންސިލް އިދާރާގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ 55 ރަށުގެ މަސައްކަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިޔަށްގެންދާ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ)ގެ މަޝްރޫޢުއެކެވެ. މިދިޔަ ޖެނުއަރީ މަހު މި މަސައްކަތް ހަވާލުކުރެވުނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި، މި މަހުގެ 28 ގައި ހެކްސްޓާ ގްލޯބަލްގެ ޓީމެއް ރާއްޖެ އަންނާނެއެވެ. މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 39 ކައުންސިލް އިމާރާތް ދެ ބުރިއަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވަރަށް މަދު ކައުންސިލު އިދާރާތަކެއް ފިޔަވައި އެހެން އިމާރާތްތައް މުޅިން ތަޅާލުމުގެ ބޭނުމެއް ނެތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫޢުގެ ބޭނުމަކީ، މިހާރު ބާވެ ހަލާކުވެފައިވާ އަދި ޖާގައިގެ ދަތިކަން ހުރި ކައުންސިލް އިދާރާތަކަށް އައު އިމާރާތްތައް ލިބިދިނުމެވެ.