ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުމަށް އެދި އިއްޔެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާއިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާން އަދި އިތުރު ފަރާތްތަކާ ގުޅިގެން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިން ފެސިލިޓީއަށް ފައިސާ ނުދެއްކުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު 14 ވަނަ ދުވަހު ކުރި ހުކުމުގައި، އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ކަމަށް ސާބިތުވެފައިވާ 2.5 މިލިއަން ރުފިޔާ، ހަ މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ދައްކައި ޚަލާސްކުރުމަށް އަންގާފައިވެއެވެ. ނަމަވެސް ސިނާން މި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަމަށް ފާހަގަކޮށްފައިވެއެވެ.
ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާނަމަ، އެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެއެވެ. އެހެންކަމުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން ކޯޓު ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާތީ، އޭނާގެ މަޖިލިސް މެންބަރުކަން ގެއްލޭނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށް މި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.