ރާއްޖޭން އިތުރު ގައުމުތަކަށް ނޮން ރެޒިޑެންޓު ސަފީރުންނާއި ދާއިމީ މަންދޫބުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އާއި، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވާފައެވެ. މީގެ އިތުރުން، ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އިތުރު ބޭފުޅުން އައްޔަންކުރުމަށް ވެސް ރައީސް މަޖިލީހަށް ނަން ފޮނުއްވާފައިވެއެވެ.
މި މައްސަލަތައް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން، މިއަދު ކޮމިޓީން ވަނީ އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމާ މެދު ދިރާސާކޮށް، މެންބަރުންގެ މެދުގައި ވޯޓަށް އަހާފައެވެ. އެގޮތުން، އިނގިރޭސިވިލާތަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި އައްޔަންކުރުމަށް ކޮމިޓީގެ ނުވަ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.
އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު އައްޔަނުކުރުމަށްވެސް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖޭން ސްވިސް ކޮންފެޑަރޭޝަނަށް ނޮން ރެޒިޑެންޓް ސަފީރަކަށާއި ޑަބްލިއުޓީއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި ރާއްޖޭން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުލްގަފޫރު މުހައްމަދު ކެނެޑާގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް، ރާއްޖޭން ސައުދީ އަރަބިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކުވެއިތާއި މިސްރުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް، އަދި ރާއްޖޭން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ބޫޓާންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ކޮމިޓީގެ ނުވަ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.