އައިޖީއެމްއެޗް ސަރަހައްދުގައި މަރުތޭލަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އެއާޕޯޓުން ހައްޔަރު ކޮށްފި

އައިޖީއެމްއެޗް ސަރަހައްދުގައި މަރުތޭލަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އެއާޕޯޓުން ހައްޔަރު ކޮށްފި

Author
ހުސައިން
13 ފެބްރުއަރީ 2025 01:39
0

އައިޖީއެމްއެޗް ސަރަހައްދުގައި މަރުތޭލަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ހައްޔަރުކޮށްފައެވެ. މިގޮތުން ހައްޔަރުކުރެވުނީ ފުވައްމުލައް، ދިގުވާޑު، ބަނަފްސާގެ، ހުސައިން އަރީޝް (31 އަހަރު) އެވެ. އޭނާއަކީ މިހާރު ހިނގަމުންދާ މާރާމާރީތަކާއި ނުރައްކާތެރި ކުށްތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އަރީޝް ހައްޔަރުކުރެވުނީ އޭނާ ހައްޔަރުކުރުމުގެ ކޯޓު އަމުރެއް އޮއްވާ މެލޭޝިއާއަށް ފިލައިގެން ދިޔުމުން، މެލޭޝިއާގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ އަނބުރާ ރާއްޖެ ގެނައުމުންނެވެ. މެލޭޝިއާއަށް ވަނުން ހުއްޓުވައި، އެހެން ފްލައިޓަކުން އޭނާ ރާއްޖެ ގެނައުމަށްފަހު މިއަދު ހެނދުނު އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި ގިނަ ރެކޯޑްތަކެއް އޮންނަ އަރީޝްގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ސައިކަލެއްގައި ދިޔަ ދެމީހުންގެ ތެރެއިން ފަހަތުގައި އިން މީހާ ވަނީ މަރުތޭލަކުން ހަމަލާދީފައެވެ.

މި ހާދިސާ ހިނގި ވަގުތު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، ހަމަލާދިން ފަރާތްތައް އެވަގުތު އެތަނުން ފިލައިގެން ގޮސްފައިވެއެވެ. އަދި މި ހަމަލާގައި އަނިޔާވި ފަރާތަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.