ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ހަވީރު "އެކްސް" ގައި ޕޯސްޓުކުރި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ސާކިއުލާ ޑިލީޓްކޮށްފިއެވެ.
އިއްޔެ ހަވީރު ޕީސީބީން ޕޯސްޓުކުރި ދެ ސާކިއުލާގެ ތެރެއިން އެއް ސާކިއުލާގައި ވަނީ ރޯދަމަހާ ދިމާކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގާފައެވެ. އަދި އަނެއް ސާކިއުލާގައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކެއް ބަޔާންކޮށްފައެވެ. ނަމަވެސް މި ދެ ސާކިއުލާވެސް މިހާރު ވަނީ "އެކްސް" އިންނާއި ވެބްސައިޓުން ނަގާފައެވެ.
ސާކިއުލާގައި ވާގޮތުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް ނުކުރުމަށާއި، ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށް އަންގާފައިވެއެވެ. އަދި ދަތުރުތަކުގައި ފަސްޓް ކްލާހާއި ބިޒްނަސް ކްލާހުން ދަތުރު ނުކުރުމަށާއި، ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީން ދަތުރުކުރުމަށްވެސް އަންގާފައިވެއެވެ.
މީގެއިތުރުން، މުވައްޒަފުންގެ ހަރަދުތައް ކުޑަކުރުމަށް، ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުމަށާއި، މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށާއި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށް އަންގާފައިވެއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ދައުލަތުގެ ކުންފުނިތަކުން ޑޮލަރުން މުސާރައާއި އިނާޔަތް ނުދިނުމަށާއި، މަސައްކަތްތައް އައުޓްސޯސްކޮށްގެން ނުކުރުމަށްވެސް އަންގާފައިވެއެވެ.
ޕީސީބީން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ވިޔަފާރީގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަކީ މުހިއްމު ކަމެކެވެ.