އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބާލަ ސުބްރަމާނިއަމް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މާލޭ ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމް ވިދާޅުވީ، މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައިވެސް މާލެ ސިޓީގެ ކަންކަން ހައްލުކުރުމަށްޓަކައި ގިނަގުނަ މަރުހަލާތަކެއް ކަޑައްތު ކުރައްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި، މާލެ ސިޓީ ފެހިކުރުމުގެގޮތުން ގަސްއިންދުމާއި، މަގުތަކާއި ސޯޝަލް ކަންކަން ކުރުމަށް ވެސް ޕްލޭންކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ ސަބަބުން، ދެ ޤައުމު އިތުރަށް ކުރިއަރައި، ކުރިޔަށް އޮތްތާގައި ދެ ޤައުމަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ. އިންޑިއާގެ ސަފީރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި، ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.