ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ހުށަހަޅާ ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި ބިލެކެވެ. ބިލް ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރުމާއި، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ކޮމިޓީ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
މި އިސްލާހާ ގުޅިގެން، ކުރިއަށް އޮތް ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަންހެނުންގެ ކޮމިޓީތަކަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ނުކުތާއެއްގެ ސަބަބުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކޮމިޓީތަކެއް ކަމަށެވެ. އަދި މި ކޮމިޓީތަކުގެ މެންބަރުންނަކީ މުސާރައާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބަޔަކަށް ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށާއި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.