ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ނުވަ މެންބަރުންނާއެކު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ އިންޑިއާގެ ޕާލަމެންޓުގެ ދެ މަޖިލީހުގެ ވެރިންގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުގައި މަޖިލިސް ރައީސް އިންޑިއާގެ ލޮކް ސަބާގެ ރައީސްއާއި ރާޖްޔަ ސަބާގެ ޗެއަރމަންއާ ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައި ވެއެވެ. އަދި މީގެ އިތުރުން އިންޑިއާގެ ނައިބު ރައީސްއާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބައެއް ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދާއި، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު ޢައިފާނާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދާއި، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބާއި އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.