މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ 20 ފެބުރުވަރީ 2025 ގެ ކުރިން ދޫކުރުމަށް އަންގާ އިޢުލާނު ކޮށްފިއެވެ. މާލީ ވުޒާރާއިން މިއަދު ނެރުނު ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދެވޭނެއެވެ.
އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޫކުރެވޭނީ އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން އެކަންޏެވެ. އަދި އިތުރު ވަޒީފާ އަދާކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.
ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް ޕޭ ލީވްގައި ތިބޭ ސްކޮލަރޝިޕް މުވައްޒަފުންނާއި، ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް މި އިނާޔަތް ނުލިބޭނެއެވެ. ނަމަވެސް މިފަދަ މުވައްޒަފުން ރަމަޟާން މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނުކުންނަ ހާލަތުގައި، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދު ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދެވޭނެއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން 1 މާރިޗު 2025 އެވެ.