މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ހަސަން ޝަކީލް ނިޔާވެއްޖެއެވެ. 64 އަހަރުގެ އުމުރުފުޅުގައި އަވަހާރަވި މަރުހޫމް ޝަކީލްގެ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މިއީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކަމަށެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މަރުހޫމް ޝަކީލަކީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެކެވެ. އަދި 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ޝަކީލްގެ ނިޔާވުމާ ގުޅިގެން ނެރުނު ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއީ އެ އިދާރާއަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅާއެވެ. އަދި މެރިން ރިސާޗްގެ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ފިޝަރީޒް މިނިސްޓްރީން ވެސް ވަނީ ޝަކީލްގެ ނިޔާވުމާ ގުޅިގެން ފުން ހިތާމަ ފާޅުކުރައްވާފައެވެ. މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ދައުލަތުގެ ޚިދުމަތުގައި 41 އަހަރު ހޭދަކުރެއްވި ޝަކީލްގެ މޭސްތިރިކަމުގެ ދަށުން، ކުރީގެ މެރިން ރިސާޗް ސެކްޝަނުގައި ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ފުރަތަމަ ފެށިގެން ދިޔައެވެ. އަދި މެރިން ސައިންސްގެ ދާއިރާއަށް ދިވެހިން ނެރުމަށް ޝައުގުވެރިކަމާއެކު މަސައްކަތް ކުރައްވައި، ގިނަ މުވައްޒަފުންތަކެއް އެ ދާއިރާއިން ތަމްރީން ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ