އޭޑީކޭ ކުންފުނީގެ ލަގްޒަރީ ޔޮޓް، ނަވައިމާ، ރީތިރަށް ރިސޯޓުން 5 މޭލު ދުރުގައި ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ، އަޑިއަށް ގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރެވުނީ ވޭތުވެދިޔަ ބުދަ ދުވަހުގެ ހެނދުނު 3:43 ގައެވެ. މި ހާދިސާ ހިނގި އިރު އުޅަނދުގައި 5 މީހުން ތިބިއެވެ. އެއް ފަރާތަށް އަނިޔާވެފައިވާތީ، އެ މީހުން ފަރުވާއަށް މާލެ ގެނެވުނެވެ.
މިހާދިސާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އަލިފާން ރޯވުމާ ގުޅިގެން އުޅަނދު ވަނީ އަޑިއަށް ގޮސްފައެވެ. މި މައްސަލަ ތަޙްޤީޤު ކުރަމުންދާކަން ފުލުހުން ކަށަވަރުކޮށްދެއްވާފައިވެއެވެ.
ނަވައިމާއަކީ އޭޑީކޭ ކުންފުނީގެ ލަގްޒަރީ ޔޮޓެއް ކަމަށްވާއިރު، އެއީ ކުއްޔަށް ދޫކުރުމަށް ބޭނުންކުރަމުން އައި އުޅަނދެކެވެ.