މާލޭގެ މަގުމަތީގައި ހުރި ސައިކަލެއްގައި ހުޅުޖަހައި އަލިފާން ރޯކުރި މައްސަލައެއްގައި ފުވައްމުލަކަށް ނިސްބަތްވާ 21 އަހަރުގެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑުވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ޒުވާނާ އަމިއްލައަށް އިއުތިރާފްވެފައިވާ ގޮތުގައި އޭނާ މި ޢަމަލު ހިންގާފައިވަނީ މަސްތުވެގެން ހުރި ވަގުތެއްގައެވެ. މި ހާދިސާގައި ސައިކަލަށް ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
މުދަލަށް ގެއްލުން ދިނުމާއި ހުޅުޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މި ޒުވާނާ ޝަރީއަތުގެ މަޖިލީހުގައި ވަނީ ކުށަށް އިއުތިރާފްވެފައެވެ. އަދި މި މައްސަލައިގައި ދަޢުވާ ކުރުމާމެދު މަޝްވަރާކުރުމަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ