ރައްޔިތުންގެ ފަސޭހައަށާއި ރައްކާތެރިކަމަށް އީފާސް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ރޭ ބޭއްވުނު "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އީފާސްގެ ނިޒާމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހުރި ނިޒާމެއް ނޫން ކަމަށެވެ.
އިތުރު ތަރައްގީއާއެކު އަންނަ ބަދަލުތަކުގެ ތެރޭގައި، މީހެއްގެ އަމިއްލަ މައުލޫމާތަށް އެއްވެސް އިދާރާއަކުން އެކްސެސްވާނަމަ އެކަން އެމީހަކަށް އެނގޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، އެކްސެސްވާ ފަރާތަކީ ކާކުކަމާއި، ކޮން ބޭނުމަކަށްކަން އެނގޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ދިމާވާ އެންމެ ބޮޑު ދަތިތަކުގެ ތެރޭގައި، އިދާރާތަކުގެ މެދުގައި ޑޭޓާ ޝެއަރ ކުރެވޭނެ ނިޒާމެއް ނެތުން ހިމެނޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައްޔިތުން އެކި އިދާރާތަކުގައި ވަކިވަކިން ރަޖިސްޓްރީ ކުރަންޖެހުމާއި، ތަފާތު ފޯމުތައް ފުރައި، އޭގެ ކޮޕީތައް ހުށަހަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް، ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ޝެއަރކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމަށެވެ. މި މަސައްކަތުގެ ސަބަބުން ކޮރަޕްޝަން މަދުވެ، ސަރުކާރުގެ ސިޔާސަތުތައް އިތުރު ހާމަކަމާއެކު ރައްޔިތުންނަށް ފެންނަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.