ފުލުހަކު ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ފުލުހަކު ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

Author
ހުސައިން
08 ފެބްރުއަރީ 2025 11:23
0

ރ. މީދޫގައި ހިނގި ހާދިސާއަކާ ގުޅިގެން، ފުލުހަކު ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް މިވަގުތު ބެލެމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވައިފިއެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި މަހުގެ 6 ވަނަ ދުވަހު އެރަށު މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ބަޔަކަށް، އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް އެ ކުދިން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، އަދި ޒާތީ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅުހަދާފައިވެއެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އެ ކުދިންނަށް ފުލުހުންގެ ސްޓޭޝަނަށް ހާޒިރުވުމަށް އެންގުމުން ހަމަނުޖެހުން ހިންގައި، އެތަނުގައި ހުރި ފުލުސް އޮފިސަރަށް ހަމަލާދީފައިވެއެވެ. މި މައްސަލައިގައި އެ ކުއްޖާގެ އާއިލާއިން ވަނީ ފުލުސް އޮފިސަރު އެ ކުއްޖާއަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ. އެހެންކަމުން މި ދެ މައްސަލަވެސް މިހާރު ދަނީ ތަހުގީގު ކުރެވެމުންނެވެ.

މީގެ އިތުރުން، މި ހާދިސާގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާ ކަމަށްވެސް މީޑިއާ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.