ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އެ ޤައުމުގެ ވެރިން ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކޯޓާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އައިސީސީން ނެރުނު އަމުރަކީ ބާރުގެ ނަހަމަ ބޭނުންކުރުމެއް ކަމަށެވެ. މި ނިންމެވުމުގެ ކުރިން ޓްރަމްޕް ވަނީ ނަތަންޔާހޫއާ ބައްދަލުކުރައްވާފައެވެ.
މި ފިޔަވަޅުތަކުގެ ދަށުން އައިސީސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެ މީހުންގެ އާއިލާގެ މެންބަރުންގެ އިތުރުން އެ ކޯޓުގެ ތަޙްޤީޤަށް އެހީތެރިވި ކަމަށް ބެލެވޭ މީހުންގެ މުދާ ހިފެހެއްޓުމާއި، ދަތުރުފަތުރު މަނާކުރެވޭނެއެވެ. އެމެރިކާއިން ކުރިން މިފަދަ ފިޔަވަޅުތައް އަޅާފައިވަނީ އައިސީސީގެ ޕްރޮސެކިއުޓަރަށް އަމާޒުކޮށެވެ.
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންނާއި ޣައްޒާގައި އިޒްރޭލު ސިފައިން ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ތަޙްޤީޤުތަކަކީ އެމެރިކާއާއި އިޒްރޭލަށް އަމާޒުކޮށް ހިންގާފައިވާ ޣައިރު ޤާނޫނީ އަދި އަސްލެއްނެތް ތަޙްޤީޤުތަކެއް ކަމަށް ޓްރަމްޕްގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ. އިޒްރޭލާއި އެމެރިކާއަކީ އައިސީސީގެ މެންބަރު ޤައުމުތަކެއް ނޫނެވެ.
އައިސީސީގެ މެންބަރު ޤައުމުތަކުގެ އަދަދު 124 އަށް އަރާއިރު، އެ ޤައުމުތަކަށް އަމުރު ރައްދުވާ ފަރާތެއް ދަތުރުކޮށްފިނަމަ އެ ފަރާތެއް ހައްޔަރުކުރުމަކީ ލާޒިމު ކަމެކެވެ. ނަމަވެސް މިފަދަ އަމުރުތައް ތަންފީޒުކުރުމުގެ ބާރު އައިސީސީއަކަށް ލިބިގެނެއް ނުވެއެވެ. އެމެރިކާގެ މި ނިންމުމާ ގުޅިގެން އައިސީސީން އަދި އެއްވެސް އެއްޗެއް ބުނެފައިނުވި ނަމަވެސް، އެ ކޯޓު ހުންނަ ނެދަލެންޑްސްއިން ވަނީ އެ ނިންމުމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ.