އުތުރުގެ ރަށެއްގައި ރުޤުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަދި އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ދެމީހަކަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.
މިމައްސަލާގައި ރ.ކަނދޮޅުދޫ، މިރިހިމާގެ، އިސްމާޢީލް ވަޙީދުގެ މައްޗަށް ވަނީ 4 ދައުވާ އެއް އުފުލާފައެވެ.
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ދަށުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށުގެ ދަޢުވާ.
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ 2 ދަޢުވާ.
4. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން، ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދަޢުވާ.
މިމައްސަލާގައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ވަނީ 7 ދައުވާއެއް އުފުލާފައެވެ.
1. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ.
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ.
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ.
4. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.
5. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ.
6. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނުގެ ދަށުން، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދަޢުވާ.
7. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއެވެ.
ރުޤުޔާ ކުރުމުގެ ނަމުގައި ހަތަރުމައިން ބަންދުކޮށް އަނިޔާކޮށް، ހަތް އަހަރުގެ އަންހެންކުއްޖަކަށާއި ތިން ކުދިންގެ މަންމައަށް ޖިންސީގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައްޔަރު ކުރީ ނޮވެމްބަރ މަހުގެ ފަހު ހަފްތާގައެވެ.
ކޮމެންޓު ފޮނުވާ